މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ހއ. އިހަވަންދޫގައި ބާއްވައިފި

މާރިޗު 6, 2024

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖާ ކޮމެޓީގެ މެންބަރުން ހޭލުންތެރިކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން ތަމްރީން ޕްރޮގްރާމެއް ހއ. އިހަވަންދޫގައި ކުރިއަށް ގެންގޮސްފިއެވެ. ޖުމުލަ 38 ބައިވެރިންނާއެކު ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމަކީ ހއ. އިހަވަންދޫ ކައުންސިލްގެ އެހީތެރިކަމާ އެކު އެ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދެވުނު ތަމްރީން ޕޮރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ އިހަވަންދޫ، ހޯރަފުށި، އުލިގަން، ތުރާކުނު އަދި މޮޅަދޫގެ ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި، މުރާޖާ ކޮމެޓީގެ މެންބަރުންނާއި އަދި އިދާރާތަކުގެ އިސް މުވައްޒަފުންނެވެ. މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވުނު ބައިތަކުގެ ތެރޭގައި ހިމެނެނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ އަސާސްތަކާއި، މައުލޫމާތު ހޯދުމަށް އިދާރާއަކަށް ހުށަހެޅުމުން އަމަލުކުރާނެ ގޮތާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި އިސްތިސްނާ ހާލަތްތައް އަދި އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމާގުޅޭ ކަންތައްތަކެވެ.