މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ށ. ފުނަދޫގައި ބާއްވައިފި

މޭ 2, 2024

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ށ. އަތޮޅު ކައުންސިލް އިދާރާ ގުޅިގެން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ ގޮތުން ށ. އަތޮޅުގެ ކައުންސިލްތަކާއި ފުނަދޫގެ ބައެއް އިދާރާތަކުގެ މުވައްޒަފުން ތަމްރީން ކުރުމަށާއި ހޭލުންތެރިކުރުމަށް ށ.ފުނަދޫގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

2 ދުވަހަށް ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ޖުމުލަ 55 މީހުން ބައިވެރިވެފައިވެއެވެ. ށ. އަތޮޅުގެ ހުރިހައި ރަށަކުން ބައިވެރިވެފައިވާ މި ތަމްރީން ޕްރޮގްރާމްގައި ށ. އަތޮޅު ކައުންސިލްތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި، މުރާޖާ ކޮމެޓީގެ މެންބަރުންގެ އިތުރުން ކައުންސިލްތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ އަސާސްތަކާއި، މައުލޫމާތު ހޯދުމަށް އިދާރާއަކަށް ހުށަހެޅުމުން އަމަލުކުރާނެ ގޮތާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި އިސްތިސްނާ ހާލަތްތަކާ އަދި އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން މަހޯލި ޕޯޓަލް ބޭނުންކުރާނެ ގޮތާ ބެހޭ ގޮތުން ވެސް ބައިވެރިންނަށް މައުލޫމާތު ދެވުނެވެ.